ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފައްދައިފިއެވެ. މި ކުންފުނި އުފައްދާފައިވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ކުންފުނި އުފައްދާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދި މިއީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ.
މި ކުންފުނީގެ މައިގަނޑު މަޤްޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަތުމާއި، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރުމެވެ. އަދި މި ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.


