ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޓްރެޝަރީ ބޮންޑުގެ ގޮތުގައި ގަނެފައިވާ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައި މިވަނީ ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދުމާ ގުޅިގެންނެވެ.
މިއީ މި އަހަރުގެ ޓީ ބިލުގެ ދެވަނަ ބައި ކަމަށްވާ އިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުގައި ރޯލްއޯވާ ކޮށްފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިދިޔަ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާ ސަރުކާރާ އެކު މަޝްވަރާކުރައްވައި މިކަމަށް އެދިވަޑައިގެންފައި ކަމަށެވެ.
ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ފާހަގަކުރަމުން އެ މިނިސްޓްރީން ބުނީ، މި އެހީތެރކަން ލިބިގެން މި ދިޔައީ އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އައި ދުވަސްވަރެއްގައި ކަަމަށެވެ.
މިކަން ހާމަކޮށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖެއަކީ އިންޑިއާގެ މުހިންމު ކަނޑުގެ އަވައްޓެރިއެއް ކަމަށާއި، އަދި އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި ވިޝަން ސާގަރ (ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން) ގެ ދަށުން މުހިންމު ބައިވެރިއެއް ކަމަށް ބުނެފައެވެ.
"އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެހީތެރިވެފަ. މިހާރު މި ގަނެފައިވާ ޓީ-ބިލްސްއާއި، މިއަހަރުގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ނިންމި ގޮތުގެ މަތިން ދިވެހިރާއްޖެއަށް އަސާސީ މުދާ އެކްސްޕޯޓް ކުރުމަށް ދީފައިވާ ޚާއްސަ ކޯޓާ އިތުރު އެއް އަހަރަށް އިތުރުކޮށްދިނުމަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާއިން ދެމުންގެންދާ އެހީތެރިކަމުގެ ހެއްކެއް" ހައިކޮމިޝަންގެ ސްޓޭޓްމަންޓްގައި ބުނެފައި ވެއެވެ.
މީގެއިތުރުން ފޮރިން މިނިސްޓްރީން ވަނީ އިންޑިއާ ސަރުކާރުގެ ނިންމުމަށް ޝުކުރު އަދާކޮށް އިންޑިއާއާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.


