އަލަށް އުފަންވާ ކުދިންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާކަމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ބޭއްވުނު ނިއޮނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ތުއްތުކުދިންގެ ދުޅަހެޔޮކަމާ ގުޅޭ މި މައުޟޫއަކީ ކޮންމެ އާއިލާއަކާއި، ކޮންމެ މީހަކާ އަދި އަންނަން އޮތް ޖީލުތަކާވެސް ގުޅިފައިވާ މައުޟޫއެއް ކަމަށެވެ. އަދި މި ކޮންފަރެންސް ކާމިޔާބުކުރުމުގައި ބައިވެރިންގެ އެއްބާރުލުމާއި، ބިނާކުރުވަނިވި ޙައްލުތަކަށް ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމުކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، އިހުގައި މި މަސައްކަތަކީ ވަރަށް ގޮންޖެހުންތައް ބޮޑު މަސައްކަތެއްކަމަށާއި، ވަރަށް ގިނަ ހިތާމަވެރި ޙާދިސާތައްވެސް ހިނގާފައިވާކަމަށް ފާހަގަކުރެއްވިއެވެ.
"ތަނާއި ޖާގަ، ތަކެއްޗާއި ވަސީލަތްތައް، އިންސާނީ ޤާބިލުކަމާއި ހުނަރު ބޭނުންވޭ. އަދި ކޮންމެ ދާއިރާއަކަށްބެލިއަސް ދުނިޔޭގެ ކުރިއަރާފައިވާ ޢިލްމާއި ޓެކްނޮލޮޖީ، އަލަށް އުފަންވާ ކުދިންގެ ފަރުވާއާ ގުޅިފަވާ ޚާއްސަ ޢިލްމީ ޓެކްނޮލޮޖީތައް ބޭނުންވޭ" ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ އަލީގައި ރާއްޖޭގައި ހުރި ގޮންޖެހުންތަކާއި ވަސީލަތުގެ ގޮތުން ބޭނުންވާ ކުރިއެރުންތަކާ މެދު މަޝްވަރާކޮށް، ޙައްލަކަށް ބަހުސްކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގެ އާޚިރު ނަތީޖާއަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުންކަމަށް އެކަމަނާ ވިދާޅުވިއެވެ.


