Tuesday, 28 July 2026

ޝަރުޢީ ދާއިރާއަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ދިނުމަށް ރައީސް ނިންމަވައިފި

ރާއްޖޭގެ ޝަރުޢީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ ބުދަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވި ނިންމެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެ މުހިންމު އެއް ކަމަކީ އެ ދާއިރާއަށް މާލީ މިނިވަންކަން ލިބިގެން ދިއުން ކަމަށެވެ. އަދި މިކަމަށް މަގުފަހިކުރުމަށްޓަކައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފެށިގެން މާލީ އަދި އިދާރީ މިނިވަންކަން ލިބޭނެ ގޮތަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިޒާމުގެ ދަށުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅުއްވައި، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރެވޭނެއެވެ. މިއީ މިހާތަނަށް ޝަރުޢީ ދާއިރާއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންތަކަށްވުރެ ބޮޑު ޢަދަދެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ޝަރުޢީ ދާއިރާގެ ފުރިހަމަ މިނިވަންކަމަށްޓަކައި ޤާނޫނީ އަދި ފަންނީ އިސްލާޙުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި، އެ މަސައްކަތްތައް މިހާރު ވަނީ ފަށްޓަވާފައެވެ. މީގެ ކުރިންވެސް ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙުތަކެއް ގެނެވި، އިތުރު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *