Wednesday, 29 July 2026

މީޑިއާ ކޮމިޝަންގެ ބިލުގެ ސަބަބުން އާއްމުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދެއް ނުވާނެ: ފަލާހު

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލުގެ ސަބަބުން އާންމުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދު ނުވާނެކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވެފައިވަނީ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލު ފާސްވިޔަސް، ފޭސްބުކާއި ޓިކްޓޮކް އަދި ޓްވިޓާ ފަދަ ސޯޝަލް މީޑިއާ އެކައުންޓުތައް ބަންދުވާ ގޮތަކަށް ނެތް ކަމަށެވެ. އަދި ގަދައަށް ސޯޝަލް މީޑިއާ ބޭނުންކުރަންވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ބިލުގައި މީޑިއާގެ މާނައިގެ ތެރޭގައި ހިމެނެނީ ޓީވީ، ރޭޑިއޯ، އިންޓަރެކްޓިވް ސީޑީ، ވެބްސައިޓް، ދުވަހު ނޫސްތަކާއި ހަފުތާ ނޫސްތައް، މަޖައްލާތަކާއި ޓްރޭޑު ޕަބްލިކޭޝަންތަކާއި އެނޫން ވެސް ނަން ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ޚިޔާލާއި އިޝްތިހާރު އާންމުކޮށް ފެތުރުމަށް ނެރޭ ތަކެއްޗެވެ.

އަދި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ނޫހާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކުން ހިނގާނެ އެވެ. މީގެ އިތުރުން ނޫސްވެރިންނާ ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް ވެސް ހިނގާނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *