Tuesday, 28 July 2026

ޤަތަރަށް އިސްރާއީލުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތަށް ދިން ހަމަލާއެއް: ރައީސް

ޤަތަރުގެ ވެރިރަށް ދޯހާއަށް އިސްރާއީލުން ދިން ހަމަލާއަކީ މުޅި އިސްލާމީ އުއްމަތަށް ދެވުނު ހަމަލާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޤަތަރުގައި ބޭއްވުނު އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި ޤަތަރުން އަދާކުރަމުން އައީ ސުލްހަވެރި މެދުވެރިއެއްގެ ދައުރު ކަމަށާއި، އެފަދަ މަސައްކަތަކަށް އަނިޔާވެރި ހަމަލާއެއް ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ހަމަލާއަކީ ހަމައެކަނި ޤަތަރަށް އަމާޒުކޮށްގެން ދެވުނު ހަމަލާއެއް ނޫން ކަމަށާއި، މުޅި އަރަބި އިސްލާމީ އުއްމަތަށް ދެވުނު ހަމަލާއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އިސްރާއީލުން ޢައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަކި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި ސިޔާސީ އަދި އިޤްތިޞާދީ ގޮތުން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިސްލާމީ އުއްމަތުގެ އެއްވެސް ޤައުމަކުން މިފަދަ ހަމަލާތައް އެކަނި ތަހައްމަލުކުރަން ނުޖެހޭނެ ކަމަށާއި، މިއީ ހަމައެކަނި ދެ ޤައުމެއްގެ ދެމެދުގައި އޮތް މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، އަނިޔާވެރިކަމާއި ދެކޮޅަށް އެއް އަޑަކުން ތެދުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *