އަލަށް ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތާ ހަވާލުވާ ޕްރިންސިޕަލުންނަށް، "ޕްރިންސިޕަލް މެންޓަރޝިޕް"ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ސްކޫލުތަކާ އަލަށް ގުޅޭ ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ތަޖުރިބާ ހުރި ޕްރިންސިޕަލަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ދިނުމަށްޓަކައި ކުރިއަށް ގެންދާ 6 މަސްދުވަހުގެ ޕްރޮގްރާމެއް ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
މި މުއްދަތުގެ ތެރޭގައި ޕްރޮގްރާމްގެ ބައިވެރިންނަށް ދާއިރާގެ ތަޖުރިބާކާރު ޕްރިންސިޕަލުންގެ ފަރާތުން ސްކޫލު ހިންގުމުގައި ދިމާވާ އެކި ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތުގެ ލަފާއާއި އިރުޝާދުދީ، ސްކޫލުތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށްވެސް އެޑިއުކޭޝަނުން ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި ޕްރޮގްރާމްގެ މެންޓަރުންގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އިންސްޓަރކްޝަނަލް ލީޑަރޝިޕް، ގޮތް ނިންމުމާއި އިސްތިރާޖީ ގޮތެއްގައި ކަންކަން ރޭވުން، މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރުން، ސްކޫލާ ގުޅޭ ކަންކަމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުން، ކްރައިސިސް މެނޭޖްމަންޓް، މުހިންމު ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވުން، އަދި ކުރާ މަސައްކަތުގައި ޕްރޮފެޝަނަލް އަދި ޕަރސަނަލް ބެލެންސްއެއް ގެންގުޅުމުގެ ދާއިރާއަށް ކަމަށެވެ.
އަދިމިއީ މެންޓީސްގެ އިތުރުން މެންޓަރުންނަށް ވެސް އޭގެ ފައިދާކުރާނެ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން ދާއިރާގެ ބޭފުޅުންނާއެކު ރަނގަޅު ޕްރޮފެޝަނަލް ގުޅުމެއް ޤާއިމުކުރުމަށް މަގުފަހިވެ، އެ ބޭފުޅުންގެ ލީޑަރޝިޕް އާއި ކޯޗިންގ ހުނަރުތައް އިތުރަށް ތަރައްޤީވެގެން ދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޕްރިންސިޕަލް މެންޓަރޝިޕްގެ މި ބުރުގައި 20 ޕްރިންސިޕަލުން ވަނީ ބައިވެރިވެފައެވެ. އަދި ކޮންމެ ޕްރިންސިޕަލަކަށް ވެސް މެންޓަރ އެއްގެ ގޮތުގައި އެކުގައި މަސައްކަތްކުރުމަށް ތަޖުރިބާކާރު އެހެން ޕްރިންސިޕަލަކު ވަނީ ހަމަޖައްސާފައެވެ.


