މާލޭގައި ވޭނަކުން ބާރުގަދަ އަޑެއް އިވުނު ނަމަވެސް އެއިން ގޮވާ އެއްޗެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި ބާރުގަދަ އަޑެއް ގޮވައިގެން މިއަދު މެންދުރު ފަހު ފުލުހުންނާއި ހަތިޔާރު އެޅި ސިފައިން ހަރަކާތްތެރިވި އެވެ. އެގޮތުންގެ ސިފައިންގެ ބޮމް ސްކޮޑުން ހަރަކާތްތެރިވެފައިވާއިރު ސިފައިންވަނީ އެސަރަހައްދުގައި ހަތިޔާރާއެކު ހަރަކާތްތެރިވެފައެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ސިފައިން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން ގޮވާ އެއްޗެއްގެ އެއްވެސް ނިޝާނެއް ފެނިފައިނުވާކަމަށެވެ. އަދި މިއީ ގޮވާ އެއްޗެއްގެ ސަބަބުން ހިނގި ހާދިސާއެއް ނޫންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ނުރައްކަލެއް ނެތްކަން ކަށަވަރު ކުރެވިފައިވާ ކަަމަށެވެ.
"މިއީ އެކްސްޕޯސިވްއެއްގެ ސަބަބުން ހިނގި ކަމެއް ނޫންކަން ވަނީ ކަށަވަރުކުރެވިފައި. އަދި މިކަން ހިނގާފައިވަނީ ވެހިކަލްގެ ޓެކްނިކަލް މައްސަލައަކުން ކަމަށް ބެލެވޭތީ އެކަން ދަނީ ފުލުހުން ބަލަމުން" އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގއި ވޭނަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.


