Tuesday, 28 July 2026
ރައީސްއޮފީސް

އާ އަހަރުގެ އަޒުމަކަށް ހަދަންވީ ސަރުކާރުން ފަށާފައިވާ އިޞްލާޙީ މަސައްކަތްތަކަށް އެއްބާރުލުން ދިނުން – ރައީސް

އައު އަހަރުގެ އަޒުމަކަށް ހަދަންވީ ރާއްޖޭގެ މާދަމާގެ ސަލާމަތާ، ފުދުންތެރިކަމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިތާބުގައި ވަނީ ހިޖުރީ އައު އަހަރެއްގައި، އައު ކުރަންވީ އެއް ޢަޒުމަކީ އެއްބައިވަންތަވެ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުންކަމަށް ވިދާޅުވެފައެވެ.

މި މުނާސަބާގެ ތަހުނިޔާ ރައްޔިތުންނާ އަދި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި އުޚުއްވަތްތެރި މުސްލިމުންނަށް ފޮނުއްވަމުން ރައީސް ވަނީ ހިޖުރައިގެ މަތިވެރި ތާރީޚުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ޤައުމުގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަކަމާއި، ޢާއިލާތަކުގެ ބަދަހިކަމަށް މަސައްކަތްކޮށް އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި އިސްރާފު ނުކުރުމާ، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފުމަކީ މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމާ، އައު އަހަރުގެ އަޒުމަކަށް ހަދަންވީ ރާއްޖޭގެ މާދަމާގެ ސަލާމަތާ، ފުދުންތެރިކަމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުންކަން ފާހަގަކުރައްވާފައިވެއެވެ.

ހިޖްރީ އައު އަހަރަކާ ބައްދަލުކުރާއިރު، ފަލަޞްޠީނުގެ މުސްލިމް އަޚުންނާ އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ، ހަނގުރާމައިގެ ނާމާން ޙާލަތަކީ މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުންކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ގުޅިގެން އެއް އުންމަތެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭކަން އެމަނިކުފާނު ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *