ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ބަލީގެ އިތުރު ކޭހެއް ފެނިފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ބައްޔަށް ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓެކްޓުން ދެނެގަނެ އެ މީހުންގެ ފަރުވާ ފަށައިފައެވެ.
އެޗްޕީއޭ އިން ވިދާޅުވީ މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން ކްލޯޒް ކޮންޓެކްޓުންނަށް ބޭސް ދީފައިވާ ކަމަށެވެ. އަދި މި ބައްޔާއި ގުޅިގެން ކުރިއަށް ގެންދިިޔަ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
އެޗްޕީއޭ އިން ވަނީ ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރައްވާފައެވެ.
މެނިންގޮކޯކަލްއަކީ ނައިސީރިއާ މެނިންޖައިޓިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ބައްޔެކެވެ. ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ އެ ބަލި ޖެހުމުން ހާލު ސީރިއަސްވުމުގެ ފުރުސަތު ބޮޑެވެ.
މީގެ ކުރިން އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.


