Wednesday, 28 October 2026

ކާމިޔާބީއެއް ހޯދުމަށް ވަރުގަދަ ޢަޒުމެއް މުހިންމު – ރައީސް

ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ ޢަޒުމެއް ހުރުން މުހިންމުކަމަށާއި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީގެ އިމާރާތުގައި ކުރިއަށް ދިޔަ މި ޚާއްޞަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ މަތީ ސާނަވީ މަރްޙަލާގެ ކިޔެވުމަކީ އުމުރުގައި 2 ވަނަ ފުރުޞަތެއް ލިބޭ ކަމެއް ނޫންކަމުގައި ފާހަގަކުރައްވައި، މި ވަގުތާއި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މަތީ ސާނަވީ ތައުލީމަކީ މުސްތަޤްބަލު ބައްޓަންކުރުމަށާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި އެސެމްބްލީގައި ރައީސް ދެއްކެވި ވާހަކަފުޅު ފެއްޓެވީ، މީގެ ތިރީހަކަށް އަހަރުކުރީން، 1995 ވަނަ އަހަރުން 1997 ވަނަ އަހަރަށް ސީ.އެޗް.އެސް.ސީގައި (އޭރުގެ އެސް.އީ.ސީ ގައި) މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވަމުންނެވެ.

ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ޚާއްޞަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިތުރަށް ވިދާޅުވީ، ޤައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގާވެސް ހުންނަން ވާނެކަމަށެވެ. ކޮންމެ ކުއްޖަކަށްވެސް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ޤައުމީ ޚިދުމަތަށް އިސްކަންދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު ޙާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ ޢަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ދެއްވި ނަސޭހަތް ތަކުރާރުކުރައްވައިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *