ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝް، ޕާކިސްތާން އަދި ތުރުކިޔޭއަށް އާ ސަފީރުން ޢައްޔަން ކުރައްވައިފިއެވެ.
މި މަޤާމަށް ބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޝިއުނީން ރަޝީދާއި، ތުރުކިޔޭއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އަދި ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ތޯހާ ވަނީ ޢައްޔަންކުރައްވާފައެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި އެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.
ޝިއުނީން އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯއްދެވީ މި މަހުގެ ހަ ވަނަ ދުވަހު 35 މެންބަރުންގެ ވޯޓުންނެވެ. އަދި ތޯހާއާ އެކު ރާއްޖޭގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަށް ރުހުން ލިބުނީ އާދީއްތަ ދުވަހު 82 މެމްބަރުންގެ އިއްތިފާގުންނެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން އަބްދުއްރަހީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޕްރޮމޯޓްކޮށްފައިވަނީ ނޮވެމްބަރު 17، 2023 ގަ އެވެ.
އަސްކަރިއްޔާއަށް 39 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، އުމުރުން 60 އަހަރު ފުރުމާ އެކު، އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އަސްކަރީ ހިދުމަތުން އިއްޒަތްތެރިކަމާއެކު ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.
ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ އާ ސަފީރުކަމަށް ތޯހާ އައްޔަން ކުރަން އެންމެ ފުރަތަމަ ރުހުން ދީފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. ނަމަވެސް ފަހުން ރައީސް ނިންމެވީ އަވަށްޓެރި ޕާކިސްތާނަށް އޭނާ އައްޔަން ކުރުމަށެވެ. މިދިޔަ ޖެނުއަރީ މަހު ބޭއްވި ވެރިކަން ކުރާ މައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕްރައިމަރީގައި ހޮޅުދޫ ދާއިރާގެ ގޮނޑިއަށް ތޯހާ ވަނީ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވައިފަ އެވެ.


