ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް އަހަރަކަށް ވުރެ އަހަރެއް ހަރުދަނާ ކުރުމާއި ފެންވަރު ރަނގަޅު ކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގެ ގައުމީ ފެންވަރުގައި ބާއްވާ ކީރިތި ގުރުއާނުގެ އެންމެ ބޮޑު ދަރުބާރު ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި މުބާރާތް އަހަރަކަށް ވުރެ އަހަރެއް ހަރުދަނާ ކުރުމާއި ފެންވަރު ރަނގަޅު ކުރަން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ނައިބް ރައީސް ފާހަގަކުރެއްވިއެވެ.
އަދި އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމިއްޔަތެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށާއ، މި ސަރުކާރު ވެރިކަމާއި ހަވާލުވެގެން މިވީ 7 މަސް ދުވަހުގެ ތެރޭގައި އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަމާއި އަހަމިއްޔަތުކަން އިތުރުކުރައްވާފައިވާކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.


