ހިޔާ ޓަވަރެއްގެ ކޮރިޑޯގައި ކުޑަކުއްޖަކަށް އަނިޔާކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހިޔާ ޓަވަރެއްގެ ކޮރިޑޯގައި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގައި 3-4 މީހުންގެ ގުރޫޕެއް ހަރަކާތްތެރިވިއެވެ. ނަމަވެސް އެކުއްޖާއަށް އަނިޔާކޮށްފައި ވަނީ އެކަކު އެވެ. އެތަނުން އަނިޔާ ކުރި މީހާ އެކުއްޖާގެ ކަރުގައި އަތުން އަޅުވާ ބިންމައްޗަށް ވައްޓާލާ މަންޒަރު ފެނެއެވެ.
ވީޑިޔޯއިން ކިހާ އުމުރެއްގެ ކުއްޖެއް ކަމެއް އަދި ޔަގީނެއް ނޫނެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާ ކޮށްފައި ނުވާއިރު އަނިޔާ ކުރި ފަރާތްތައް ދެނެގަނެވިފައިވާ ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ވީޑިއޯ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްނަމަ އެ މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.


