ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާހިމް އަޝްރަފް ވިދާޅުވީ މިންގަނޑާ އެއްގޮތައް މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމާފައިވާ ކަމަށާއި މިކޭސްއާ ގުޅޭ ހުރިހާ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެއިތުރުން ހެލްތު މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ސިއްހީ ހިދުމަތްތެރީންނާއި އާންމު ރައްޔިތުންގެ ގަޔަށް މެނިންގޯކޮކަލް ވެކްސިން ޖަހަންޖެހޭ ފަދަ ހާލަތެއް ނެތް ނަމަވެސް އުމްރާއާއި ހައްޖުގެ އަޅުކަމަށްދާ މީހުންނާއި މެނިންގޯކޮކަލް ބަލި އާންމުކޮށް ފެތުރޭ ގައުމުތަކަށް ދަތުރުކުރާ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުން އެ ވެކްސިން ފުރިހަމަކުރަން އެދޭ ކަމަށެވެ.
މެނިންގޯކޮކަލް ބަލި މި ފަހުން ރާއްޖެއިން ފެނުނީ، މި ފަހަރުގެ ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އެނބުރި އައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، މުހައްމަދު އާރިފް (ބަކާ) ގައިންނެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.
އެހެން ކަމުން މިއަހަރު ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.


