Tuesday, 28 July 2026

ދެ ރައީސުން އެކުގައި މަސައްކަތް ކުރައްވަން ބޭނުންވާކަމުގެ އިޝާރާތެއް

ޕާޓީ ތެރޭގައި ޖެހުނު މައްސަލަތައް އެއްފަރާތްކޮށް ޕާޓީން ވަކިވެގެންދިޔަ ބޭފުޅުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެއީ ތެދުފުޅެއް ކަމަށާއި އެ މިސްރާބު ހޯދޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން "ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ، އެކުގައި ޕާޓީ ފަށައިގެން ކުރިއަށް ދިޔަ ބަޔަކު ވަކިވެގެން ދިއުމަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

"އަޅުގަނޑު ހިތުން މިއަދު މިއީ އެކަމާ ދޭތެރޭގައި އަލުން އެ ބޭފުޅުން ވެސް ވިސްނަވަންވީ ވަގުތު، މިއީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީ، އަޅުގަނޑުމެން އެންމެން އެކީގައި އުފެއްދި ޕާޓީއެއް، އެކީގައި ވަޑައިގަންނަވަންވީ ހަމަ، އެ ޒާތީ އޭރު އެހުރި މައްސަލަތައް، އެކަން ކުރެވޭނެ އެނގޭތޯ، އަދި އަޅުގަނޑާ ދޭތެރޭގައި ހުރި މައްސަލައެއްވިޔަސް އިނގޭތޯ އެއްފަޅީގައި ބަހައްޓާފައި އަޅުގަނޑުމެން މިކުރި މަސައްކަތް އަދި ނިމުމަކަށް ނުދެޔޭ އަޅުގަނޑުމެން އެދުވަހު ފެށި އެމްޑީޕީގެ މަސައްކަތެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ދެ ވަނަ ވެރިކަން ގެއްލިގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެމްޑީޕީން ބަޔަކު ވަކިވެގެން ޑިމޮކްރެޓްސް އުފައްދައިގެން މަސައްކަތް ކުރުން ކަމަށް އިބޫ ވިދާޅުވި އެވެ.

އެކްސްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ވިދާޅުވި ވާހަކައަކީ ތެދުފުޅެއް ކަމަށެވެ. އަދި ސޯލިހު އެ ވިދާޅުވި މިސްރާބު "އަޅުގަނޑުމެން އެންމެންނަށް ވެސް ހޯދޭނެ ކަމުގެ އުއްމީދު" އެމަނިކުފާނު ވެސް ކުރައްވާ ކަމަށެވެ.

އެމްޑީޕީ ދެބައިވެ ޑިމޮކްރެޓްސްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދީ މިދިޔަ އަހަރުގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އުފެދުނު ވާދަވެރިކަމުގެ ތެރެއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *