ނ. އަތޮޅު ފަޅުރަށެއް ކަމަށްވާ ‘ވަވަތި’ އަށް މިދިޔަ ހޮނިހިރު ދުވަހު ލެއްގި ސޯމާލިޔާ މީހުން ދިވެހި އިމިގުރޭޝަނާއި ހަވާލުކޮށްފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ނ. ވަވައްޗަށް ލެއްގި ޑިންގީގައި ތިބީ 3 ސޯމާލިޔާ ފިރިހެނުންކަމަށް އޭރު ފުލުހުން ވިދާޅުވި އެވެ. އަދި އެމީހުން އިމިގުރޭޝަނާއި ހަވާލުކުރަންދެން ތިބީ ފުލުހުންނާއި ހޮޅުދޫ ކައުންސިލް ގުޅިގެން ހަމަޖެއްސި ވަގުތީ ހިޔާވެއްސެއްގައި ނ. ހޮޅުދޫގަ އެވެ.
ފުލުހުން މިއަދު މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އެމީހުން އިމިގުރޭޝަނާއި ހަވާލުކޮށް އެމީހުން ހުޅުމާލޭގައި ހުންނަ އިމިގުރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ތިންމީހުނާއެކު އެ ޑިންގީ ވަވައްޗަށް ލެއްގުމާއެކު ސޯޝަލް މީޑިއާގައި ތަފާތު ތުހުމަތު ތަކާއެކު ވާހަކަ ދައްކާފައިވެ އެވެ.
ނަމަވެސް އޭރު ފުލުހުންބުނީ އެމީހުންނަކީ ކަނޑުފޭރޭ ނޫނީ އެނޫންވެސް ކުށެއް ކުރުމުގެ މަގްސަދުގައި އައިބަޔެއް ކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށެވެ.
ހުޅުމާލޭ ގައި ހުއްނަ އިމިގުރޭޝަން ފެސިލިޓީއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބައިތިއްބަން ހަމަޖެހިފައިވާ ތަނެވެ.
މީގެ ކުރިން ވެސް، މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެން އޮޔާ ދަނިކޮށް ސޯމާލިއާގެ ބޯޓުތައް ރާއްޖެ ސަރަހައްދުން ފެނިފައިވެއެވެ.


