ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޒަމީރު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ މި ޖޫން މަހުގެ 24 އިން 27 އަށް ކުރައްވާ ދަތުރުފުޅެކެވެ. މިނިސްޓަރުގެ މި ދަތުރުފުޅުގައި އެމެރިކާގެ ސަރުކަރާއި، އދ.ގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ދަތުރުފުޅުގެ މައިގަނޑު މަޤުސަދަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ހިނގާ ކަންކަމުގައި ދިވެހިރާއްޖެއިން އަހައްމިޔަތުކަންދޭ މިންވަރު ކަށަވަރުކޮށް ދިނުންކަމަށެވެ.
މިއަދު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ވަނީ ޗައިނާއަށް ފުރާވަޑައިގަންނަވާފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި ސައީދުގެ މި ދަތުރުފުޅަކީ ޗައިނާގެ ޑާލިއަންގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ވިޔަފާރީގެ ދާއިރާ އާއި މާލީ ދާއިރާ ކުރިއެރުވުމާއި ގުޅޭ ކަންކަމާ ގުޅޭ ގޮތުން ޗައިނާގެ ކޮމާސް މިނިސްޓަރާއި އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ މާލީ ހާލަތު ވަރުގަދަ ކުރުމަށް މަޝްވަރާ ކުރަން މީގެ ކުރިން މިނިސްޓަރ ވަނީ އިނގިރޭސިވިލާތަށް ވެސް ވަޑައިގެންފައެވެ.


