Tuesday, 28 July 2026

ސަރުކާރުން ގަނެފައިވާ މަހަށް ފައިސާ ދިނުމަށް ޝާހިދު ގޮވާލައިފި

އައްޑޫ މަސްވެރިންނާއި އެހެނިހެން ރަށްރަށުގެ މަސްވެރިންގެ އަތުން ސަރުކާރުން ގަނެފައިވާ މަހުގެ ފައިސާ ދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިދިޔަ ސަރުކާރުގެ ހާރިޖީ ވަޒީރުކަންވެސް ކުރެއްވި ޝާހިދު އެކްސްގައި ކުރި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން މަސްވެރިންގެ އަތުން މަސް ގަނެފައި ފައިސާ ނުދޭނަމަ އެއީ ގޯހެއް ކަމަށާއި އެކަމަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ބަޔަކު އަތުން އެއްޗެއް ގަނެފިނަމަ އޭގެ އަގު އަދާކުރުމަކީ ގަންނަ މީހާގެ ވާޖިބެއް ކަމަށެވެ. އަދި އެއީ ގަންނަ މީހާގެ ހެޔޮކަމުން ނުވަތަ ދީލަތި ކަމުންދޭ އެއްޗެއް ނޫން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އައްޑޫގައި ހުއްނަ މިފްކޯ މަސްފެކްޓްރީ ކައިރީގައި އައްޑޫގެ މަސްވެރިން މުޒާހަރާ ކުރަމުންދާތާ މިއީ ތިންވަނަ ދުވަހެވެ. މަސްވެރިން ބުނާގޮތުގައި ކިރާ މަހަށް ފައިސާ ނުލިބޭތާ މިހާރު ދެ މަސް ވެފައިވާ އިރު މަސްވެރިންގެ އާއިލާތައް އުޅެމުންދަނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

މަސްކިރާތާ 48 ތެރޭގައި މަހުގެ ފައިސާ ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މަސްވެރިން ބުނަނީ 48 ގަޑިއިރުތެރޭގައި ފައިސާ ނުދެވޭނެ ހާލަތެއް އައިސްފާނެ ކަމަށް ގަބޫލުކުރާކަމަށާއި ނަމަވެސް 15 ދުވަސްތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްވަނީ މުޒާހަރާގެ ބައިވެރިން ގޮވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *