Tuesday, 28 July 2026

ފައިސާ ނުދޭކަމަށް ބުނެ އައްޑޫ މަސްވެރިން މުޒާހަރާ ކުރަނީ

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ލިބުން ލަސްވާތީ އައްޑޫގެ މަސްވެރިންތަކެއް މުޒާހަރާކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑީއާތަކަށް ވިދާޅުވީ، ހުޅުމީދޫގެ މިފްކޯ ބަނދަރުގައި 80 ވަރަކަަށް މަސްވެރިން މުޒާހަރާ ކުރަމުންދާ ކަމަށެވެ. އަދި އެ މުޒާހަރާ މިއަދު 12:00 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް ވެސް މަސްވެރިން ބުނެފައިވާ ކަމަށެވެ.

މި އިހުތިޖާޖު އިއްޔެ އޮތީ ހުޅުމީދޫފައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގަ އެވެ. އެ އިހުތިޖާޖުގައި މަސްވެރިން ވަނީ އެ މީހުންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށް ގޮވާލައިފަ އެވެ.

ފުލުހުން ވިދާޅުވީ، ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުދީފިނަމަ، މަސްފެކްޓްރީގައި މަސައްކަތް ކުރާ އިސް މީހުން އެތަނުން ބޭރުކޮށް ބަދިގޭގައި ކައްކަން ހުރަސް އަޅާނެ ކަމުގެ އިންޒާރު ބައެއް މަސްވެރިން ދީފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން އީދު ޗުއްޓީގެ ކުރިން ބުނެފައިވާ ގޮތުގައި މި މަހުގެ 15 ގެ ކުރިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކުރާނެ އެވެ. އަދި ފައިސާ ދޫނުކުރެވި ދޮޅު މަހެއްހާ ދުވަސް އޮތުމުން ޖުމްލަ 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޭން ޖެހިފައިވެ އެވެ.

މަސްވެރިން މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *