Tuesday, 28 July 2026

ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާއި ގުޅިގެން، ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ކުރީގެ ރައީސް، އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި، މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަގާމު 10 އަހަރުވަންދެން ފުރުއްވި، ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ގުޅިގެން، އެ ކިލެގެފާނުގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކުރައްވައި ރައީސް ކުރެއްވި ތަޢުޒިޔާގެ ޓުވީޓުގައި ވަނީ ޢަބްދުލްޙަންނާން ޙަލީމް އަވަހާރަވުމަކީ، ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށް ވިދާޅުވެ، އެ ކިލެގެފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ. އަދި މަރުޙޫމްގެ ފުރާނަފުޅު ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.

ޢަބްދުލްޙަންނާން ޙަލީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދު ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.

މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އެ ކިލެގެފާނު ކުރައްވާފައިވެއެވެ. މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމަށް ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވައި، ދޮށިމޭނާކަމަށް ކޮލި ލެއްވީ 21 އޭޕްރީލް 1975 ގައެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *