ޣައްޒާ – އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި މިއަދު ފަތިހުން ފެށިގެން އާންމުންގެ 18 މީހަކު ޝަހީދުކޮށްލައިފިއެވެ.
އިސްރާއިލުގެ ސިފައިންގެ ބަޑީގެ ހަމަލާތަކުގައި މިއަދު އާންމުންގެ ދެ މީހަކު ޝަހީދުވެފައިވާކަމަށް ކަމަށް މެޑިކަލް އޮފިޝަލުން ބުނެ އެވެ.
އަދި އިސްރާއިލުން މެދުތެރޭގެ ނުސީރަތުގެ ހުޅަނގުން އޮންނަ އާ ކޭމްޕުގެ ގެތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި އިތުރު ދެ މީހަކު ޝަހީދުވެފައިވާ ކަމަށް މަސްދަރުތަކުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން އަޕާޗޭ ހެލިކޮޕްޓަރުތަކުން ވަނީ ޣައްޒާ ސިޓީގެ އިރުދެކުނުން އޮންނަ ޒީތޫން އަވަށުގެ އިރުމަތީ ސަރަހައްދުތަކަށް ވެސް ބޮން އަޅާފައެވެ.
ޣައްޒާ ސިޓީއަށާއި ޣައްޒާގެ ދެކުނުގެ ރަފާގެ ހުޅަނގު އުތުރުން އޮންނަ ޓެންޓް ސިޓީ އަލްމަވާސީ ސަރަހައްދަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޙަމްވެފައެވެ.


