ދިވެހިންގެ ހިތާއި އެންމެ ކައިރިން ވިންދުޖަހާ، އަދި ދިވެހިން އެންމެ ކަންބޮޑުވާ މައްސަލައަކީ ފަލަސްތީނުގެ މައްސަލަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެގުމުގެމަތިން މިއަދު ޕީއެސްއެމްއިން ފެށި ފަލަސްތީނަށް އެހީވާ ޓެލެތޯން ”ފަލަސްތީނާއެކު ދިވެހިން“ ގައި ބައިވެރިވެ ފައިސާ ހަދިޔާ ކުރެއްވުމަށްފަހު އަބްދުއްރަހީމްވަނީ ވީހާވެސް ގިނަ ބަޔަކު މި ޓެލެތޯންގައި ބައިވެރިވެ އެހީތެރިވުމަށް އެދިލައްވާފަ އެވެ.
"ފަލަސްތީނުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ހިތާ އެންމެ ކައިރިން ވިންދު ޖަހާ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ. ފަލަސްތީނުގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައި އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް މިއަދު ފެށި 'ފަލަސްތިނާއެކު ދިވެހިން' ޓެލެތޯނުގައި ދިވެހި އެންމެހާ ރައްޔިތުން، ބައިވެރިވެ ވަޑައިގެން އެހީތެރިވެ ދެއްވުމަކީ އަޅުގަނޑުގެ ވެސް ވަރަށްބޮޑު އެދުމެއް." މަޖިލިސް ރައީސް އެކްސްގައި ވިދާޅުވި އެވެ.
ރައީސްގެ އިސްނެންގެވުމުގެ ދަށުން މިއަދު ޕީއެސްއެމްއިން ފެށި ‘ ފަލަސްތީނާއެކު ދިވެހިން’ ފެއްޓެވީ ރައީސް މުއިއްޒު އަދި އަނބިކަބަލުން ސާޖިދާ މުހައްމަދެވެ.


