އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލް މަޖިލީހުން ބަލައިގަނެ 241 ކޮމިޓީއަށް ފޮނުވައިފި އެވެ.
މި ބިލު ބަލައިގަތުމާ ބެހޭގޮތުން މިއަދުގެ މަޖިލީހުގެ މެންދުރުފަހުގެ ދަންފަޅީގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 88 މެމްބަރުންގެ ތާއީދާއެކު ވަނީ ބިލު ބަލައިގަނެ ގައުމީ ސަލާމަތާބެހޭ ކޮމިޓީ (241) ކޮމިޓީއަށް ފޮނުވާފަ އެވެ.
މިއަދުގެ މަޖިލީހުގެ ހެނދުނު ދަންފަޅީގައި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ބަހުސްކުރުމަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި މި ބިލު މަޖިލީހުގެ 241 ކޮމެޓީއަށް ފޮނުވަން ހުށަހެޅީ ޕީއެންސީ ޕީޖީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެވެ. ފަލާހްގެ ހުށަހެޅުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ތާއީދުކުރެއްވި އެވެ.
މިދިޔަ މެއި 30 ގައި މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގުރޭޝަން ގާނޫނު) ގެ އަށްވަނަ މާއްދާގެ ހ. ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.


