ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއްކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރު ހިންގުމުގައި ސިވިލް ސަރވިސްއިން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވައި ސިވިލް ސަރވިސްގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ޚިދުމަތްދިނުމުގައި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކުވެސް ހިނިތުންވުމާއި އޯގާތެރިކަން އިސްކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ޚިދުމަތްތައް ބައްޓަން ކުރެއްވުމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ޚިދުމަތްދިނުންފަދަ ކިޔޫގައި ޖެހެން ނުޖެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޙައްލު ހޯދެންހުރި ކަންކަމަށް ހައްލު ހޯދުންފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް" މި ތީމުގެ ދަށުން މިއަދު ފެށި 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ޖުމްލަ 3 ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެރިވެއެވެ.


