ނިކަމެތިން ހައްޖަށް ފޮނުވުމަށް ދައުލަތުގެ ބައިތުލްމާލުން ނުވަތަ ޒަކާތުގެ ފައިސާއިން ހަރަދު ކޮށްގެން ނުވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.
އިޔާޒު އެކްސްގައި ކުރި ޓުވީޓެއްގައި ބުނީ ހައްޖުގެ އަަޅުކަމަކީ އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހުންގެ މައްޗަށް ވާޖިބުވާ ކަމެއް ކަމަށާއި ދައުލަތުގެ ހަރަދުގައި އެކަން ކޮށްގެން ނުވާނެ ކަމަށެވެ.
އިޔާޒު އިތުރަށް ބުނީ ފައިސާވެރިޔަކު، ނިކަމެއްޗަކު ހައްޖަށް ނުވަތަ އުމްރާއަށް ފޮނުވުމަކުން މައްސަލައެއް ނެތް ކަމަށެވެ.
އިޔާޒު މިހެން ބުނެފައި މިވަނީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން 50 ފަގީރުން ހައްޖަށް ފޮނުވާފައި ވަނިކޮށެވެ.
ހިލޭ 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އެންމެ ފުރަތަމަ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 50 މީހުންނެވެ. އަދި އެކި އަހަރުތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.


