ފުވައްމުލަކު ސިޓީ ކައިރީގައި އޮއްނަ ޓައިގާ ޝާކު ޕޮއިންޓަށް ޑައިވިން ކުރުމަށްފަހު ދޯންޏަށް އެރިތަނުން ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.
މިއަދު މެންދުރު ކުރީގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ދުނިޔެ ދޫކޮއްފައިވަނީ ޗައިނާގެ އުމުރުން 70 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.
ފުވައްމުލަކު ޑައިވިން ސެންޓަރެއްގެ ހަވާލުގައި ޑައިވިން ކުރަން މޫދަށް ފޭބުމަށްފަހު ޑައިވިން ނިންމައި އަބުރާ ދޯންޏަށް އަރައި ބެލްޓުތަށް ނައްޓަމުންދަނިކޮށް އެ މީހާ ހޭނެތުނީ ކަމަށް ފުވައްމުލަކު ކައުންސިލް އިން ވިދާޅުވި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެ މީހާ ފުވައްމުލަކު ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށާއި މަރުވާން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް ވެސް ހޮސްޕިޓަލާއި ހަވާލާދީ ކައުންސިލުން ވިދާޅުވި އެވެ.


