އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުން، ދެގައުމުގެ ގުޅުން ކުރިޔަށް ދަނީ ރަނގަޅު މިސްރާބަށްކަން ރަމްޒު ކޮށްދޭ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތު ރައީސް ޑރ. މުއިއްޒު ވަނީ ގަބޫލުފުޅު ކުރައްވައިފައެވެ.
ރައީސް، އިންޑިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ކުރެއްވި ނަރެންދުރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވާފައިވާކަން ދެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އެ ރަސްމިއްޔާތުގެ ދައުވަތު ރައީސްއަށް އަރުވާފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އެވެ.
"މި ދައުވަތަށްޓަކައި ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާ ރައީސް ވިދާޅުވީ މި ތާރީހީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ޝަރަފެއް ކަމަށެވެ" ރައީސް އޮފީހުން މިއަދު ޝާއިއު ކުރި ހަބަރެއްގައި ބުންޏެވެ. އަދި ދެ ގައުމުގެ ގުޅުން ދަނީ ބަދަހިވަމުން ކަމަށް ރައީސް، ސަފީރު އަރިހުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަވަށްޓެރި ގައުމުތަކުން އެ ރަސްމިއްޔާތަށް ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާހެން 8 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.


