ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭގޮތަށް ބޭން ކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފި އެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު، މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށްޓަކައި އިމިގުރޭޝަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މަޖިލީހުން ކުރާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ފަލަސްތީނާއިއެކު ދިވެހިން ތިބިކަން ދައްކުވައިދިނުމަށް ސަރުކާރުން އިސްނަގައިގެން މުޅި ރާއްޖޭގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ފަލަސްތީނުގެ މައްސަލާގައި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުންވަނީ ކޮމިޓީއެއް އެކުލަވާލާފައި ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެޓާނީ ޖެނެރަލް އަހްމަދު އުޝާމް، އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
އިހުސާން ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަށް ކުރަންޖެހޭ ކަންކަން މިހާރުން ފެށިގެން ކުރުމަށް ރައީސް ވަނީ އަންގަވާފައި ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މީހުންނާއި ކައިރިން މަސައްކަތްކޮށް ފަލަސްތީނުގެ ރައްޔިތުން ރާއްޖޭގެ ފަރާތުން ބޭނުންވާކަންކަން ބެލުމަށް ރާއްޖޭގެ ފަރާތުން މަންދޫބެއް އައްޔަން ކުރަން ނިއްމާފައިވާ ކަމަށެވެ.


