Tuesday, 28 July 2026

ޑަބްލިއުއެޗްއޯގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދޭން ނިންމައިފި!

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް 101 ވޯޓާއެކު ނިންމައިފި އެވެ.

އިއްޔެ ބޭއްވުނު ދުނިޔޭގެ ސިއްހަތާބެހޭ ވުޒާރާގެ އަހަރީ ބައްދަލުވުމުގައި 177 ގައުމަކުން ބައިވެރިވީއިރު، އޭގެތެރެއިން 101 ގައުމަކުންވަނީ ފަލަސްތީނަށް ޑަބްލިއު އެޗް އޯގެ ފުރިހަމަ މެމްބަރުކަން ދޭން ތާއީދު ކޮށްފައެވެ. އެ ގަރާރާއި ދެކޮޅަށް ވޯޓުދީފައިވަނީ 5 ގައުމަކުންނެވެ.

ފަލަސްތީނަށް ޑަބްލިއުއެޗްއޯގެ މެމްބަރުކަން ދޭން ހުށައެޅި މި ގަރާރަކީ ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ގަރާރެކެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑަބްލިއުއެޗްއޯގައި ނެގި ވޯޓުގައި ފަލަސްތީނަށް ރާއްޖެ އިން ތާއީދު ކުރުމަކީ ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ރާއްޖެ އިން އަބަދުވެސް ކުރަމުންދާ ވަރުގަދަ ވަކާލާތުގެ ރަމުޒެއް ކަމަށެވެ. އެ ނިންމުމަކީ ސުލްހައަށް ވާސިލުވާން ކުރިއަށް އެޅި ފިޔަވަޅެއް ވެސް ކަމަށް ވިދާޅުވި އެވެ.

ޗައިނާ، ނިކަރާގު އަދި ވެނިޒުއޭލާގެ ބައިވެރިވުމާއެކު އަރަބި އަދި މުސްލިމް ގައުމުތަކުން ހުށައެޅި ގަރާރުގައި ވަނީ މިހާރު ޑަބްލިއު އެޗް އޯގެ އޮބްޒާވަރެއްގެ ދަރަޖަ ދީފައިވާ ފަލަސްތީނަށް މެމްބަރު ގައުމުތަކާ އެއްވަރަށް ހުރިހާ ހައްގެއްވެސް ދިނުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.

މިގަރާރު ފާސްވުމާ ގުޅިގެން ވޯޓު ދިނުމުގެ ހައްގު ފިޔަވައި، މެމްބަރު ގައުމުތަކަށް ލިބޭ ހުރިހާ ހައްގެއް ދިނުމަށް ފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ގަރާރުތައް ހުށަހެޅުމާއި އިސްލާހުތައް ހުށަހެޅުން އަދި ކޮމިޓީތަކުގައި ބައިވެރިވުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *