ސްކޫލްތަށް އޭސީކުރުމުން ބުލީކުރުން ހުއްޓި ދަރިވަރުންގެ ސުލޫކާއި އަހުލާގަށް ރަނގަޅު ހެޔޮ ބަދަލުތަކެއްް އަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ހެނދުނު މާފުށީ ސްކޫލުގެ ހުރިހާ ކިލާސް ރޫމްތަކާއި ހޯލްތައް އޭސީކޮށް، "ކޫލް ސްކޫލް" މަޝްރޫއު އިފްތިތާހު ކުރުމަށް މާފުށީ ސްކޫލުގައި އޮތް ރަސްމީޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ”ކޫލް ސުކޫލް“ގެ ޕްރޮޖެކްޓު ފެއްޓީ ހަމައެކަނި ކިލާސްތަށް އޭސީކޮށް ފިނިކޮށްފައި ނިންމާލާ ގޮތަށް ނޫންކަމަށާއި، ކޫލް ސްކޫލެއްގައި ހިތަށް ފިނިކަމާއި ހިތްހަމަޖެހުން ލިބޭނެކަމަށެވެ.
”ފިނިކަމާއެކު ދަރިވަރުންގެ ސުލޫކާއި އުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ، ވިޔާނުދާ ކަންތަށްތަކުން ދަރިވަރުން ދުރުހެލިވާނެ، ހިތް އުފާ ވާނެ ޖުމްލަ ގޮތަކައް ބުނަންޔާ، ބުލީއެއް ނުކުރާނެ، ރުޅިވެރިކަމެއް މިފަދަ މާހައުލެއްގައި ނޯންނާނެ“ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުންނާއި ސްކޫލް މެނޭޖްމަންޓު އަދި ބެލެނިވެރިން ގުޅިގެން މި ކުރާ މަސައްކަތުން ނަތީޖާއަކަށް ވާންވާނީ ކިޔަވާ ކުދިން ނުވަތަ ދަރިވަރުންނަކީ ރަށަށް ގައުމަށް އަދި އެކުދިންގެ މުޅި ދިރިއުޅުމަށް ފައިދާ ހުރި އުޖާލާކުރުވަނިވި ފިލާވަޅުތަކެއް ލިބިދޭ، ޖުމްލަކޮށް ބުނާނަމަ ކާމިޔާބު އިންސާނުންތަކެއް އުފެއްދުން އެއީ ކޫލް ސްކޫލުގެ އަމާޒު ކަމަށް މިނިސަޓަރު ވިދާޅުވި އެވެ.
ކޫލް ސްކޫލްގެ އެންމެ ފުރަތަމަ މަޝްރޫއުގެ ދަށުން ކ. މާފުށީ ސްކޫލް އޭސީ ކޮށްފައިވަނީ އެ ރަށުގެ ކައުންސިލްގެ ދީލަތި އެހީގެ ދަށުންނެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުތެރޭގައި ހުރިހާ ސްކޫލެއް އޭސީ ކުރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.


