މި މަހު ލިބުނު ކަރަންޓު ބިލް ބޮޑުވެގެން އެކަމާ ނުރުހުން ފާޅުކުރުމަށް ”ކަރަންޓު ވަގު“ގެ ނަމުގައި ކުރި މުޒާހަރާއަށް މާ ބޮޑު ތަރުހީބެއް ނުލިބި ނިންމާލައިފި އެވެ.
މީގެ ދެ ދުވަސް ކުރިން ލިބުނު ކަރަންޓު ބިލް ފާއިތުވި މަސްތަކުގެ ބިލަށް ވުރެ ދެގުނަ ބޮޑުވެފައިވާތީއާއި، އަދި ސްޓެލްކޯގެ މުވައްޒިފަކު، ކުންފުނީގެ މުވައްޒިފުންނަށް މުސާރަ ދިނުމަށް ކަރަންޓު ބިލްތަށް ބޮޑު ކުރި ކަމަށް ބުނި ހަބަރާއެކު ރައްޔިތުން ރަތަށް އަރައި ހިންގި މި މުޒާހަރާއަށް 20 ވަރަކަށް މީހުންވެސް ގޮސްފައެއް ނުވެއެވެ.
މުޒާހަރާއަށް ދިޔަ މަދު މީސްކޮޅު ގޮވަމުން ދިޔައީ “ރައްޔިތުން ފެލާލައިފި” ކަމަށާއި އަދި ސްޓެލްކޯގެ އެމްޑީ ފަހުމީގެ އިސްތިއުފާއަށެވެ.
މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި މުޒާހަރާއަށް މީހުން ދިޔަ މިންވަރު މަދުވެފައިވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މީހުނަށް ވަޒީފާގެ ބިރު ދައްކާތީކަމަށެވެ.
“700ރ 800ރ އަރާ ކަރަންޓު ބިލަށް 3،000 4،000 ރުފިޔާ އަރުވާލާފަ މި ހުންނަނީ، ފަހުމީ ކީއްވެ؟ އަހަރެމެންނަށް ޖަވާބުދާރީވާން ޖެހޭ” އެއްވުމުގެ ބައިވެރިއެއް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އެއްވުމުގެ ބައިވެރިއެއް މީޑިއާއަށްދިން އިންޓަވިއުއެއްގައި ބުނީ ދުނިޔޭގަ އާއޮ ރާއްޖޭގއި ވެސް ތެލުގެ އަގު ދަށްވަމުންދާއިރު ސްޓެލްކޯގެ ބިލްތައް ބޮޑުވާން ޖެހޭ ސަބަބެއް ފަހުމީ ބުނެދޭން ޖެހޭ ކަމަށެވެ.


