ފާނަ މަސްވެރިކަމަށް ނިކުމެ އުޅުނު ބިދޭސީއެއް ލޯންޗެއްގެ ދަށުވެ މަރުވެއްޖެ އެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި އދ. ދަނގެތީ ކައިރީގަ އެވެ. ހާދިސާގައި މަރުވީ ފ. ފީއަލީގައި މަސައްކަތްކުރަމުން އައި ކައްދާމް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ މީހެކެވެ. އޭނަ އަކީ ފީއަލީގައި ފާނަ މަސްވެރިކަމުގައި އުޅޭ މީހެކެވެ.
ކައްދާމްގެ ގައިގައި ލޯންޗަކުން ޖެހުނީ އޭނަ މަހަށް ދިޔަ ދޯނި ދަނގެތި ސަރަހައްދުން މޫދަށް އެރި އުޅެނިކޮށެވެ. އެ ހާދިސާގައި އޭނަގެ ގައިމަތިން ލޯންޗް ގޮސް ކަނދުރާއަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ އެވެ.
ކައްދާމްގެ ހަށިގަނޑު މިހާރު އޮތީ ދަނގެތީގެ ސިއްހީ މަރުކަޒުގަ އެވެ.
ފުލުހުން ބުނީ، އެ ލޯންޗު ދުއްވި މީހާގެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އެކަމަކު، ހާދިސާ ހިނގީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.


