މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ފުރި ހައްޖާޖީންގެ ފުރަތަމަ ބެޗުގެ މީހުންނަށް ނައިބު ރައީސް އަލްއުސްތާޛް ހުސެއިން މުޙައްމަދު ލަތީފު އަލްވަދާއު ވިދާޅުވުމަށް އެއާޕޯޓަށް ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ވެސް ހައްޖުވެރިންނަށް އަލްވަދާއު ކިޔުމަށް ވަނީ އެއާޕޯޓަށް ވަޑައިގެންފަ އެވެ.
މިއަދު އަސުރުގެ ފަހުގައި ފުރި ހައްޖާޖީންގެ ފުރަތަމަ ބެޗުގައި 298 މީހުން ފުރާފައިވާ ކަމަށާއި ހައްޖާޖީންނަށް ހުރިހާ އިންތިޒާމެއްވެސް އެންމެ ފަސޭހަވާނެ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ. އަދި މިއަދު ހަވީރު ފުރި ހައްޖުވެރިންނަށް ސައުދީއަށް ދެވޭނީ މާދަމާ ހެދުނު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ހައްޖު މޫސުމުގައި ހައްޖުވެރިން ފޮނުވުމަށް ރާއްޖެއަށް ލިބުނު 1000 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަން އަށެވެ.
އެކްސްގައި މޯލްޑިވްސް ހައްޖު މިޝަންއިން ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއަދު ހައްޖަށް ފުރާނީ 298 މީހުން ކަމަށެވެ. އަދި އަންނަ މަހުގެ 3 ވަނަ ދުވަހުގައި ހައްޖާޖީންގެ ދެވަނަ ބެޗެއް ރާއްޖެއިން ފުރާނެކަމަށާއި އެ ބެޗުގައި 352 މީހުން ފުރާނެ ކަމަށެވެ. އެންމެ ފަހު ބެޗުގެ މީހުން ސައުދީއަށް ފުރާނީ ޖޫން 7 ވަނަ ދުވަހުއެވެ. އެއީ 339 މީހުންނެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. ކޮއްމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 2 މިލިޔަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދެއެވެ.


