އިމިގުރޭޝަންގެ ގާނޫނަށް ބަދަލު ގެނެސް އިސްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރާއްޖެ ނާދެވޭ ގޮތަށް އެ ޕާސްޕޯޓް ބޭން ކުރުމަށް އެމްޑީޕީއިން މަޖިލީހަށް ހުށައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
މި ބިލް ހުށައެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލްގައިވަނީ ފަލަސްތީނުގެ ދަރިފަސްކޮޅު ނެތި ކޮއްލުމަށް އިސްރާއީލުން ހިންގާ ގަތުލުއާމު ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމުގެ ބޭނުމުގައި ކަމަށް އެ ބިލްގައިވެ އެވެ.
ދިވެހިރާއްޖެއިން މި ގަތުލުއާމާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ރާއްޖެއަށް އިސްރާއީލްގެ ރައްޔިތުން އައުން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގަރާރަށް ސަރުކާރުން އަމަލުކޮއްފާ ނުވާތީއާއި އަމަލު ކުރާނެ މުއްދަތެއްވެސް ދީފައި ނުވާތީ ހުށައަޅާ ބިލެއް ކަމަށް ބިލް ހުށައެޅުއްވި މީކާއިލް ވިދާޅުވި އެވެ.
މި ބިލްގައިވާގޮތުމް މި ބިލަކީ އިސްވެ ދެއްނެވުނު ގަރާރަށް ސަރުކާރުން އަމަލު ކޮއްފައި ނުވާތީ ސީދާ ގާނޫނަކުން މިކަމަށް ފިޔަވަޅު އެޅުމަށް ހުށައެޅި އިސްލާހެއް ކަމަށެވެ.
މި އިސްލާހަކީ ދިވެހިރާއްޖޭގެ ގާނޫނު ނަންބަރު 7/2007 އިމިގުރޭޝަން ގާނޫނަށް މާއްދާއެއް އިތުރުކޮއް އިސްރާއީލްގެ ޕާސްޕޯޓު ގެންގުޅޭ މީހުނަށް، އެހެން ގައުމެއްގެ ޕާސްޕޯޓުގައިވެސް ރާއްޖެ އެތެރެވުން މަނާވާނެ ގޮތަށް ޑްރާފްޓު ކޮއްފައިވާ އިސްލާހެކެވެ.


