ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ހަވާލުވީ އިރު ތިޖޫރީގައި އޮތީ އެއްމެ ހަތް ރުފިޔާ ކަމަށާއި ކުންފުނީގެ ދަރަނި 261 މިލިޔަން ދިވެހި ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއިން އިއްޔެ ބޭވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ އެކަމަނާ މަގާމާއި ހަވާލުވީ އިރު ސަރުކާރާއި، ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި ބޭރުގެ ފަރާތްތަކަށް ޕީއެސްއެމްއިން ދައްކަން ޖެހޭ ދަރަނީގެ އަދަދު 261 މިލިޔަން ރުފިޔާއަށް އަރާކަމަށެވެ.
2023 ނޮވެމްބަރު 28 ވަނަ ދުވަހު ޕީއެސްއެމްއާ ހަވާލުވި ޒީނާ ވިދާޅުވީ 261 މިލިޔަން ރުފިޔާގެ ދަރަންޏަކީ ކޯޓުގައި ހިގަމުންދާ މައްސަލަތަކަށް ދައްކަން ޖެހިދާނެ ފައިސާ ނުލައި ހުރި ކުންފުނީގެ ދަރަނިކަމަށެވެ.
ދަރަނީގެ ތަފްސީލު ދެއްވާ ޒީނާ ވިދާޅުވީދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ އަދި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 26 މިލިއަނަަށްވުރެ ގިނަ ރުފިޔާގެ އިތުރުން، ބޭރުގެ އެކި ކުންފުނިތަކަށް ދަރަނި 24 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަަރާ ކަަމަށެވެ.
ޕީއެސްއެމްގެ ވެރިޔާ ޒީނާ ވިދާޅުވީ އެކުންފުނިން މިހާރު ދަނީ ދަރަނިތަށް އަދާކުރުމުގެ މަސައްކަތް ކުރަމުންކަމަށާއި އެގޮތުން މިހާތަނަށް 9 މިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި ބޭރުގެ ކުންފުނިތަކަށް ދައްކާފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ކޯޓު ކޭސްތަކާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ، ފައިސާ އާައި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ، އަޅުގަނޑުމެން މި ފައިސާ ދެއްކުމުގައި އެންމެ ބޮޑަށް އިސްކަން މި ދެނީ އަޅުގަނޑުމެންގެ ހިދުމަތްތަކަށް ބުރޫ ނާރާ ގޮތަށް ހިދުމަތްތައް ކުރިއަށްގެންދެވޭނެ ގޮތަކަށް ބަލައިގެން ފައިސާ ދެއްކުމަށް،". އެމްޑީ ވިދާޅުވިއެެވެ.
ޒީނާ ވިދާޅުވީ އެ ކުންފުނިން ބަލަމުންދަނީ ދަރަނިތަށް ދެއްކުމުގައި ސަރުކާރާއި މަޝްވަރާކޮއް ސަރުކާރުގެ އެހީތެރިކަން ހޯދުމަށެވެ. އަދި ޒީނާ ވަނީ ލޯނުގެ ގޮތުގައި ނަގާފައިވާ 89 މިލިޔަން ރުފިޔާ ނުދެއްކި އިންޓްރެސްޓް އަރަމުންދާކަން ފާހަގަ ކުރައްވާފަ އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި މިހާރު ޕީއެސްއެމްއިންދަނީ ހޯދާ ހިދުމަތްތަކަށް ދުވަހުން ދުވަހަށް ދައްކަމުންކަމަށާއި ކުންފުނީގެ ހަރަދުތަށް ކުޑަކުރުމަށް ކުރާ މަސައްކަތުގައި މިހާރު 20% ހަރަދު ކުޑަ ކުރެވިފައިވާ ކަމަށެވެ.
ޒީނާ އިތުރަށް ވިދާޅުވީ ކުންފުނި ދަރަނިވެރިވެ ތިޖޫރީ ހުސްވެ، އަދި ޑޮލަރު އެކައުންޓު ހުސްވެފައިވާ މައްސަލަ ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.


