Tuesday, 28 July 2026

ރަފަހަށް އިސްރާއީލުން ދިން ނުރައްކާތެރި ވައިގެ ހަމަލާތައް އދގެ ސެކްރެޓަރީ ޖެނެރަލް ކުށްވެރިކުރައްވައިފި

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ ޓެންޓަށް އިސްރާއީލުން ދިން ނުރައްކާތެރި ވައިގެ ހަމަލާތައް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ކުށްވެރި ކުރައްވައިފިއެވެ.

ގުޓެރޭޒް ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އިޒްރޭލުން ރަފާއަށް ދިން ވައިގެ ހަމަލާތައް، ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތްކުރާ ޓެންޓުތަކަށް ދިން ހަމަލާއަށް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، އޭގެ ތެރޭގައި ކުޑަކުދީން ވެސް ހިމެނޭ ގޮތަށް ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ފޮޓޯތަކުން ހިތްޕުޅު ހަލާކުވެފައިވާ ކަމަށެވެ.

މީގެއިތުރުން ގުޓަރޭޒް ވަނީ ބިރުވެރިކަމާއި ވޭންދިނުން ވަގުތުން ހުއްޓާލަން ޖެހޭކަމަށް ވިދާޅުވި ބަސްފުޅު ތަކުރާރު ކުރައްވާފައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލެއްވުން ތަކުރާރުކުރައްވައި، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ދާދި ފަހުން ނެރުނު އަމުރުތަކަކީ ލާޒިމް އަދި އެއަށް ތަބާވާން ޖެހޭ އަމުރުތަކެއް ހަނދާން ކޮށްދެއްވާފަ އެވެ.

އަދި އިޒްރޭލުން އިންސާނީ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަގުތުން، ރައްކާތެރި އަދި ހުއްޓުމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދީ، މަގުފަހިކޮށްދިނުމަށާއި، ބޯޑަރު ހުރަސްކުރާ ހުރިހާ ސަރަހައްދެއް ހުޅުވާލުމަށް އިސްރާއީލަށް ގޮވާލެއްވިއެވެ.

އަދި ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން ލަސްވެފައިވާ ސިޔާސީ މަގަށް ޕާޓީތަކަށް އަލުން މަސައްކަތް ކުރެވޭނެ ފަދަ އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އިއްޔެ ރަފާހް ކައިރީގައި އޮންނަ އަލްމަވާސީ ސަރަހައްދަށް ހަމަލާދީ އެތައް މިސައިލެއް ފޮނުވައި، 21 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *