Tuesday, 28 July 2026
Sun.mv

ކުށުގެ ޒިންމާ ނަގާ އުމުރު ދަށްކުރުމަކީ ހައްލެއް ނޫން – ޝަމީމް

ކުށުގެ ޒިންމާ ނަގާ އުމުރު 12 އަހަރަށް ދަށްކުރުމަކީ މުޅި މައްސަލައަށް ހައްލު ލިބޭނެ ކަމެއް ނޫން ކަމަށާއި ހައްލަކީ އެ ކުދިންގެ މާހައުލު ބަދަލު ކުރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިން ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަށް ދަށްކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އޭރުވެސް ޝަމީމް ވަނީ އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ކުދިންނަށް ވިސްނައިދީ، ރިހެބިލިޓޭޓް ކުރަންޖެހޭ ކަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާކަމަށް ވިދާޅުވެފަ އެވެ.

'ކުށް ކުރާ ކުޑަކުޑަކުދިން – ހައްލަކީ އުމުރު ދަށްކުރުމެއް ނޫން، މާހައުލު ބަދަލު ކުރުން' އެ ސުރުހީގެ ދަށުން ޝަމީމުގެ ބްލޮގްގައި ޝާއިއުކުރެއްވި ލިޔުމުގައި އޭނާ ވަނީ، ސަރުކާރުން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ޝަމީމު ގަބޫލު ކުރައްވާ ގޮތުގައި، މުޅި މައްސަލަ ހައްލު ކުރެވެނީ ކުށް ކުރާ ކުދިންނަށް އަދަބު ދީގެންނެއް ނޫނެވެެ. އެ މީހުންނަށް މަގު ދައްކައިދީ، އެ ނޫން ވެސް ފުރުސަތުތަކެއް ހޯދައިދީގެންނެވެ.

"9 އަހަރުގެ ކުއްޖަކު، ހެނދުނު ހޭލައިގެން މިއަދު ކުށެއް ކޮށްލާނަމޭ ހިތަށް އަރާނެކަމަކަށް، ކުޑަކުދިންނާ ގާތުގައި އުޅޭ، އެ ކުދިންގެ ވިސްނުން ހުންނަ ގޮތް އެނގޭ މީހަކު ޤަބޫލުކޮށްފާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ހެދިފައެއް ނެތެވެ. " އެ ލިޔުމުގައު ޕީޖީ ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވި ގޮތުގައި، ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތައް ތަފާތެވެ. ކުޑަކުދިން ކުށް ކުރަނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ކުށެއް ކުރާކަށް ނޫނެވެ.

ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ސަރުކާރަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅޭކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ އެ ކުދިން މިހާރު އެ ހިނގާމަގު ބަދަލު ނުކުރެވިއްޖެނަމަ، އެއީ ގައުމީ މައްސަލައަކަށް ވެދާނެ ކަމެއް ކަމަށެވެ.

ލިޔުމުގައި ޝަމީމްވަނީ މިހާރު އޮތް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް އެއްބަސްވެވަޑައިގެންފައެވެ. އޭގެ ތެރޭގައި، ބެލެނިވެރިންނަށް ހިންގާ ޕްރޮގްރާމްތައް ލާޒިމުކުރެވޭނެ ގޮތަކާއި އިދާރާތަކުގެ ދައުރު މިހާރަށް ވުރެ ސާފުވާނޭ ގޮތެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މިހާރު ގާނޫނު އޮތް ގޮތުން އެއްވެސް ކަމެއް ނުވެގެން އުޅެން ޖެހޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *