ދަތުރު ކުރެއްވި ހެލިކޮޕްޔަރު ވެއްޓި އަވަހާރަ ވެފައިވާ އިރާނުގެ ރައީސް އިބްރާހިމް ރައީސީއާއި އެގައުމުގެ ފޮރިން މިނިސްޓަރު އަބްދުالله ހައިންގެ ޖަނާޒާގައި ބައިވެރިވުމަށް ލޯކަލް ގަވަރމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު އިރާނަށް ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގޮތުގައި ރައީސީއާއި އަބްދުﷲ ހައިންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރު ފުރައިވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.
ރައީސް އޮފީހުން ވިދާޅުވީ އެ ދެބޭފުޅުންނަށް އެއްމެފަހުގެ އިހުތިރާމްގެ ޒިޔާރަތް ކުރައްވާ ފަސްދާނުލުމުގެ ކަންކަމުގައި އާދަމް ޝަރީފް ބައިވެެރިވެ ވަޑައިގަންނަވާނެ ކަމަށް އެ އޮފީހުން ވިދާޅުވި އެވެ.
ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.
ރައިސީއާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފަ އެވެ. އަދި އެ ހެލިކޮޕްޓަރުގައި ޕައިލެޓާއި ކޯޕައިލެޓާއި، ކްރޫ ޗީފް އަދި ބޮޑީގާޑު ވެސް ވަނީ މަރުވެފަ އެވެ.


