މެޓް އޮފީހުން މިއަދު ދެކުނުގެ އަތޮޅުތަށް ފިޔަވައި ދެން ހުރި، ހއ އިން ތ އަތޮޅާހިސާބަށް ނެރުނު ރީނދޫ ސަމާލު ދަމަހައްޓައިފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި މޫސުމާބެހޭ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށްވެސް މި ހަފްތާގެ ހޮނިހިރު ދުވަހާ ޖެހެންދެން ކެރީގެ އަސަރު ކުރާނެކަމަށް ލަފާކޮށްފައެވެ. އެ އޮފީހުން ލަފާ ކުރާގޮތުގައި ހޮނިހިރު ދުވަހުގެ ފަހުން ދެކުނަށް މޫސުން ރަނގަޅުވާނެ އެވެ.
މިއަދުގެ މޫސުން ލަފާ ކުރާ ގޮތުގައި، ހުޅަނގު ދެކުނާއި ހުޅަނގުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.
އަދި ވިލާގަޑުގައި ގަޑިޔަކު 45 މޭލާއި 55 މޭލާ ދެމެދު ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވި އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތަށް ގަދަވާނެ ކަމަށާއި އަދި ވިލާގަޑުގައި ވަރަށް ބޮޑަށް ކަޑު ގަދަވާނެ ކަމަށެވެ.


