Tuesday, 28 July 2026

ވޯކް ވިސާ ނަގަން ކިއުގައި އިންނާކަށް ދެން ނުޖެހޭނެ، އޭންޓް ކިއު އެޕްއިން ނަންބަރު ނެގޭނެ!

ވޯކް ވިސާ ޖެހުމަށް ހުށައަޅާ ޕާސްޕޯޓްތަށް ނެގުމަށް ކިއުގައި މަޑުނުކޮށް، “އޭންޓް ކިއު” އެޕްލިކޭޝަން މެދުވެރިކޮށް ނަމްބަރު ނެގޭނެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސަދީފި އެވެ.

މިއަދު އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ވޯކްވިސާ ޖެހުމަށްފަހު އަނބުރާ ޕާސްޕޯޓު ނެގުމަށްޓަކައި އިމިގްރޭޝަންއަށް އައިސް އެތަނުގެ ތެރޭގައި ވަރަށް ގިނަ އިރު މަޑުކުރަންޖެހޭތަން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނައިން ޝަކުވާ ލިބޭކަމަށެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަނީ އޭންޓް ކިއުގެ ހިދުމަތް ތައާރަފްކޮށްފަ އެވެ. މި ހިދުމަތް ތައާރަފް ކޮއްފައިވަނީ ސަރުކާރުންދޭ ހިދުމަތްތަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށް އެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައިވާ ގޮތުން ފަހެއް ނުވަތަ އެއަށްވުރެ މަދު ފާސްޕޯޓާ ހަވާލުވާ ފަރާތްތަކުން އޮންލައިންކޮށް ނަންބަރު ނަގަން ޖެހޭނީ ހެނދުނު 9:30 އާއި 10:30 އާ ދެމެދު އެވެ. އެ ނަންބަރުތަކަށް ހިދުމަތް ދޭނީ ހެނދުނު 10:00 އިން 3:00 އަށެވެ.

އަދި، ހައެއް ނުވަތަ އެއަށްވުރެ އިތުރު ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގަން އަންގާފައިވާ ވަގުތަކީ، މެންދުރު 11:30 އިން 12:30 އަށެވެ. އެ ނަންބަރުތަކަށް ހިދުމަތް ދޭނީ މެންދުރު 1:15 އިން 3:00 އަށްވެ.

ނަންބަރު ނެގުމަށްޓަކައި ސަބްމިޝަން ރިސިޓްފައި ހިމެނޭ ޕީޕީއެޗް ނަންބަރު އަދި ބޮކްސް ނަންބަރު ޖެހުމަށްފަހު ސަބްމިޝަން ރިސިޓް އަޕްލޯޑް ކޮށްލުމުން ނަންބަރު ނެގޭނެ. އަދި އެއް ޕީޕީއެޗް ނަންބަރު ނުވަތަ އެއް ބޮކްސް ނަންބަރަށްވުރެ ގިނައިން ވެސް މި ބައިގައި ޖެހިދާނެ،" އިމިގްރޭޝަނުން ބަޔާންކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *