ރާއްޖެއިން ބޭރުން ކާރު ގެނެސްދޭނެ ކަމަށް ބުނެ މަކަރާ ހީލަތުން ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނެގިކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
މި ފުލުސް މީހާގެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްއިން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ ސްޕޯކްޕާސަން އަހުމަދު ޝިފާން ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.
ފުލުހުންގެ އިދާރާއިން މި ފުލުސް މީހާގެ މައްސަލަ ތަހުގީގު ކުރަން ފަށާފައި މިވަނީ އޭނާގެ މައްސަލަ އެތައް ބަޔަކު ފުލުހަށް ހުށަހަޅާ މައްސަލަ ނުބަލައިގެން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށާފައި ވަނިކޮށެވެ.


