ބަޖެޓު ސަޕޯޓަށް އިންޑިއާއިން ދިން 50 މިލިއަން ޑޮލަރުގެ ޓީބިލު އަނބުރާ ދައްކަންޖެހޭ މުއްދަތު ފަސްކޮށްދީފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ 100 މިލިއަން ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން ދެ ވަނަ ޓީބިލް ދައްކަން ޖެހެނީ މި މަހުގެ ތެރޭގަ އެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރުން އެސްބީއައި މެދުވެރިކޮށް ނަގާފައިވާ ލޯނުގެ ތެރެއިން މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައިވާ ކަމަށެވެ.
އެސްބީއައިން އެގޮތަށް ނިންމީ ދިވެހި ސަރުކާރުން އެ ލޯނު ފަސްކޮށްދިނުމަށް އެދިފައިވާތީ ކަމަށް ހައިކޮމަޝަނުން ބުނެފައިވެއެވެ. އިންޑިއާ އަށް ބާކީ ދައްކަން ޖެހޭ 100 މިލިއަން ޑޮލަރާ ގުޅިގެން އެއްވެސް ނިންމުމެއް ނިންމި ކަން އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.
ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެ ދަރަނި ވެސް ދެއްކުން ފަސްކޮށްދޭން އެދިފައެވެ. އެ ދަރަންޏަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައްކައި ހަލާސް ކުރަން ޖެހޭ އެއްޗެކެވެ. އެ ލޯނުތަކަށް އަރާ އިންޓަރެޓްސް ރޭޓް ދައްކަމުން އައީ އިންޑިއާގެ ސަރުކާރުންނެވެ. އެ ލޯންތަކަށް އަރާ އިންޓަރެސްޓް ރޭޓް ދިވެހި ސަރުކާރުން ދައްކާކަށް ނުޖެހެއެވެ.
އަދި މިއީ ދާދިފަހުން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޑރ އެސް ޖޭޝަންކަރާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.
150 މިލިއަން ޑޮލަރުގެ ތެރެއިން ތިން ވަނަ ޓީބިލަށްވާ 50 މިލިއަން ޑޮލަރު ދެއްކުން ހަމަވާނީ ސެޕްޓެމްބަރު މަހުއެވެ.


