Tuesday, 28 July 2026

ދުނިޔޭގެ ފޫޅުމައިންގެ ދުވަސް ފާހަގަ ކޮށްފި!

ދުނިޔޭގެ ފޫޅުމައިންގެ ދުވަސް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ފާހަގަ ކޮއްފި އެވެ.

ފޫޅުމައިންގެ ދުވަސް ފާހަގަ ކުރަން މިއަދު އައިޖީއެމްއެޗްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޞިއްޙީ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވީ ފޫޅުމައިން މަދުވާ ސަބަބު ބަލައި، އެކަން ހައްލުކުރަން މަސައްކަތްކުރަންޖެހޭކަމަ ށެވެ.

ތަސްލީމާ ވިދާޅުވީ ކުރީ ރާއްޖޭގައި ވިއްސުމުގެ މަސައްކަތް ކުރަމުން އައީ ފޫޅުމައިން ކަމަށާއި އޭރު ފޫޅުމައިން މާބަނޑު މީހުން ބަލިވެ އިނީއްސުރެ ވިއްސުމުގެ ހުރިހާ ކަމެއް ނިމެންދެން ހުރިހާ ކަމެއްވެސް ކުރަނީ ތަމްރީނެއް ނެތި ހަމަ އެކަނި ތަޖުރިބާއިން ކަމަށެވެ.

ނަމަވެސް ޒަމާނީ ނަރުސްކަން ރާއްޖެއަށް ތަޢާރަފްވެ ފޫޅުމައިން ތަމްރީންކުރެވެން ފެށުމުން ވިހެއުމުގައި މައިންނާއި ދަރިން މަރުވާ މިންވަރު މިދިޔަ 40 އަހަރާ އަޅާބަލާއިރު މިހާރު ވަރަށް މަދުކަމަށް ތަސްލީމާ ވިދާޅުވިއެވެ.

ތަސްލީމާ އިތުރަށް ވިދާޅުވީ ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ފޫޅުމައިންގެ ދައުރު ވަރަށަ މުހިއްމުކަމަށާއި ނަމަވެސް ދުވަހުން ދުވަހަށް މިހާރުދަނީ ފޫޅުމައިން މަދުވާން ދިމާވާ ސަބަބު ބަލާ އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ފޫޅުމައިން ބާރުވެރި ކުރުވުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *