އިސްރާއީލްގެ ޕާސްޕޯޓު ބޭން ކުރުމަށް ގޮވާލާ އަޑު އުފުލަމުން ދިޔަ ދިވެހިން ތަކަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ހުރަސް އަޅައިފި އެވެ.
ރޭ ރަސްފައްނު ބީޗް ސަރަހައްދުގައި ކުރިޔަށް ދިޔަ މި އެއްވުމަށް ފުލުހުން ހުރަސް އެޅުމުން އެއްވުމުގެ ބައިވެރިން ވަނީ މިއީ ހަމަ އިސްލާމީ ގައުމެއްތޯއޭ ކިޔާ ސުވާލު އުފައްދާފަ އެވެ.
މުޒާހަރާގެ ބައިވެރިން ވަރަށް އަސަރާ އެކު ގޮވަމުން ދިޔައީ ރަފާހްގެ ކުޑަކުދިންނާ އަންހެނުންނަށް އެކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލާ މި ބިމުގައި އެމީހުނާ އެއްކޮޅަށް ބަސް ބުނެ ޝުއޫރު ފާޅުކުރުން ނުހުއްޓުވުމަށެވެ.
”އަޅުގަނޑުމެން ނުކުންނާނަން، އެހުރީ ރަފާހްގެ ކުދިންނަށް ހަދާގޮތް ކުދިން ފަޅާ މަރާ ރޭޕްކޮށް“ އެއްވުމުގެ ބައިވެރިން އަސަރާ އެކު ގޮވަމުން ދިޔަ އެވެ.
އެއްވުމުގެ ބައިވެރިން ފަހަތަށް ޖައްސަމުން ޖައްސަމުން އެމީހުންގެ ޝުއޫރު ފާޅުކުރުމުގެ ހައްގު ފޭރިގެންފާ ވާކަމަށް އެއްވުމުގެ ބައިވެރިން ބުންޏެވެ.
”ސައްތައިން ސައްތަ މުސްލިމް ގައުމެކޯ މިއީ، ކިހެނެއް މުސްލިމް ގައުމެއްގެ ވާހަކައެއްތަ މިކިޔަނީ؟ އަހަރެމެންގެ ގައުމުގަ މި އުޅެނީ އެމީހުން (ޔަހޫދިން)ނާ ދެކޮޅަށް ޝުއޫރެއް ފާޅު ނުކުރެވިގެން“ މުޒާހަރާގެ ބައިވެރިން ހިތްހަމަ ނުޖެހުން ފާޅުކޮއް ބުންޏެވެ.
މިކަމާ ގުޅޭގޮތުން އަދި ފުލުހުންގެ ބަހެއް ލިބިފައެއް ނުވެ އެވެ. ރަފާއަށް އެރުން ކިއްވެރިކޮއް ޖަރުމަނާއި އދ ގެ އިތުރުން އެމެރިކާގެ ސެނެޓުންވެސް ވަނީ ރަފާހްއަށް ނޭރުމަށް ޔަހޫދީ ދައުލަތަށް ގޮވާލާފަ އެވެ.


