ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ފަހު ބެޗު، ދެ ގައުމުން ކުރިން އެއްބަސްވެފައިވާ ގޮތަށް މި މަހުގެ 10 ގައި ރާއްޖެ ދޫކޮށް ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ މަސައްކަތަށް ދިވެހި ހާރިޖިއްޔާ އާއި އިންޑިއާގެ ހައި ލެވެލް ކޯ ގްރޫޕެއް އެކުލަވާލައި މަޝްވަރާ ބައްދަލުވުންތަކެއް އިއްޔެ ގެންދިޔައީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގަ އެވެ. މިއީ މި ގްރޫޕްގެ ހަތަރުވަނަ ބައްދަލުވުމެވެ.
މ ބައްދަލުވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި ދެ ފަރާތުން ވެސް ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހާރިޖީ ގުޅުމާ ބެހޭ ގޮތުން ވާހަކަދެއްކި ކަމަށެވެ.
އިންޑިއާ ސަރުކާރުން ވެސް ބަޔާނެއް ނެރުނެވެ. އެކަމަކު އެ ބަޔާނުގައި އިންޑިއާ ސިފައިން ފޮނުވާލުމުގެ ވާހަކަ ލިޔެފައެއް ނެތެވެ. އެކަމަކު އިންޑިއާއިން ފޯރުކޮށްދެމުންދާ އިންސާނީ ހިދުމަތްތައް ދިވެހި ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދަން މަޝްވަރާ ކުރެވުނު ކަން ފާހަގަ ކޮށްފައިވެ އެވެ.
އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. އަދި ދެވަނަ ބެޗު ފުރީ މިދިޔަ މަހު އެވެ.


