Tuesday, 27 October 2026

ޗިކުންގުންޔާ އިތުރު ވަނީ، މިދިޔަ މަހު 130 އަށްވުރެ ގިނަ ކޭސް!

ގިނައަދަދެއްގެ ބަޔަކަށް ޗިކުންގުންޔާ ޖެހުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކުރައްވައިފި އެވެ.

މިދިޔަ މަހު އެކަނި 130 އަށްވުރެ ގިނަ ކޭސް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައެވެ.

ރޭ ޕީއެސްއެމްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ބައިވެރިވެލައްވާ އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ އާމިނަތު އަރޫޝާ ވިދާޅުވީ ޗިކުންގުންޔާގެ ކޭސްތައް ފެންނަން މި ފެށީ އޭޕްރީލް މަހާ ހަމައަށް އެއްވެސް ކޭސްއެއް ނުފެނި އޮތުމަށްފަހު ކަމަށާއި މޫސުމަށް އަންނަ ބަދަލާ އެކު މިބަލި އިތުރުވާނީ ކޮންއިރަކު ކަމެއް ބުނަން ނޭނގޭނެކަމަށެވެ. އަދި އާންމުކޮށް އިތުރުވަނީ އަހަރުގެ ކުރީކޮޅުގައި ކަމަށް އަރޫޝާ ވިދާޅުވެފައެވެ.

އަރޫޝާ ވިދާޅުވީ ކޮންމެ އަހަރެއްގައިވެސް ޗިކުންގުންޔާ ބަލި ޕީކަށް އަރާ ދުވަސްކޮޅެއް އަންނަ ކަމަށާއި މިއަހަރު އެއްވެސް ކޭސްއެއް ނައިސް އޮވެފައި ކުއްލިއަކަށް މިހާ ބައިވަރު ކޭސްތަކެއް އައުމުން އެޗްޕީއޭ އޮތީ އެލާޓުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި މިބަލި އިތުރަށް ފެތުރުމަށް ނުދޭން ކުރެވެންހުރި ކަންކަން ބަލައި އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތަކުގެ އިތުރުން ސިއްހީ ދާއިރާގެ ބޭފުޅުން ހޭލުންތެރިކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އަރޫޝާ ވިދާޅުވިއެވެ.

އަރޫޝާ އިތުރަށް ވިދާޅުވީ މަދިރި އާލާވާ ތަންތަން ބަލާ ނައްތާލުމުގެ މަސައްކަތްތައް މާލޭގެ އިތުރުން ރާއްޖެތެރޭގެ ރަށްރަށުގެ ކަމާބެހޭ ފަރާތްކާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ،

ޗިކުންގުންޔާ އަކީވެސް ޑެންގޫ ފަތުރާ މަދިރީގެ ޒަރިޔާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހުން އައިސް ހުޅުތަކުގައި ރިއްސާ އަދި ސީރިޔަސް ބައެއްފަހަރު ސްޓޭޖް ތަކަށްވެސް ދެއެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *