އައްނަ އަހަރު 'ހެޕިނަސް އިންޑެކްސްގެ' ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ މީހުންގެ އުފާވެރިކަމާ ހިތް ހަމަޖެހުން ބެލުމަށް އާ މަޝްރޫއުއެށް ފައްޓަވާނެ ކަމަށް ސީޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ޝަރީފް އުމަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖެ ވެސް ކުރިއަރަމުން އަންނައިރު ދިވެހިރާއްޖޭގެ ރައްތަކުގެ ހާލަތު ދެނެގަތުން މުހިންމު ކަމަށާއި، އެހެން ކަމުން ރާއްޖޭގެ ހެޕިނަސް އިންޑެކްސް ކަނޑައަޅަން މަސައްކަތް ފެށިފައިވާކަމަށެވެ.
"ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި ދިރިއުޅޭ ބަޔަކުގެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ އެހެން ފަރާތްތައްވެސް މީގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ރާއްޖޭގެ އެކި ރަށުގެ ހާލަތު، އެ ރަށެއްގެ ކަންކަން ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތެއް ވުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުން ނިންމާފައިވަނީ މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ އުފާވެރިކަން ނުވަތަ "ހެޕިނަސް އިންޑެކްސް"ގެ ނަމުގައި ހާއްސަ މަސައްކަތެއް ފަށަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިމަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ ރައްރަށުގައި ދިރިއުޅޭ ފަރާތްތަކުން އެރަށްރަށުގެ ހާލަތަށް ބަލައި، ރައްޔިތުންނަށް ލިބޭ އުފާވެރިކަން މިންކުރާ ގޮތް ދެނެގަނެ، ރަށްރަށުގެ ހާލަތާއި، އާންމުންގެ ދިރިއުޅުމުގެ ފެންވަރު އެނގިގެެންދާނެކަމަށެވެ. އެގޮތުން މިމަސައްކަތަކީ ގިނަބަޔަކު ގުޅިގެން، ރާއްޖޭގެ ގިނަ ފަރާތްތަކަކާއި މަޝްވަރާކޮށް، އާންމުންގެ ބައިވެރިވުން ހިމަނައިގެން ކުރިއަށްގެންދާނެ މަޝްރޫޢުއްކަމަށް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ ހެޕިނެސް އިންޑެކްސްއިން އެންމެ ރަނގަޅު ނަތީޖާ ހޯދަ ރަށަކަށް އަގުވަޒަން ކުރުމަށް އެވޯޑެއްވެސް ދޭ ގޮތަށް ކަމަށެވެ.


