ސަރުކާރުގެ އަމާޒަކީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ލިބުނު 'ސުޕަރ މެޖޯރިޓީ' ބޭނުންކޮށްގެން ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި، އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ހީނާ ވަނީ މި ސަރުކާރުން 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މި ޤައުމަށް ތަރައްޤީ ގެނައުންކަމުގައި ހީނާ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ބައްދަލުވުން މަދުވެގެން ކޮންމެ ހަފުތާއަކު އެއްފަހަރު ބޭއްވެވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.


