Tuesday, 27 October 2026

މެޑިސިން ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބެވޭނެކަމުގެ އުންމީދު އާވެއްޖެ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލްގެ ބަދަލުގައި އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެންގޮސް ދާއިމީ ހައްލެއް ފެންނަންދެން ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފްލޯ ބޭނުން ކުރެވޭނެ ފުރުސަތު ދީފައިވާ ކަމަށް ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބުނެފި އެވެ.

އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސްބޭފުޅުންނާ އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީގެ އިސްވެރިން ވެސް ބައިވެރިވި ކަމަށެވެ.

ސްކޫލް އޮފް މެޑިސިން އަށް ކިޔަވަމުން އަންނަ 200 އަށް ވުރެ ގިނަ ކުދިންގެ ކަންބޮޑުވުންތަކާ ގުޅިގެން، ރައީސް އޮފީހުގެ ކަމާ ގުޅޭ އިސްބޭފުޅުންނާ އެކު ރޭ ބޭއްވި ބައްދަލުވުމަށް ފަހު އުންމީދު އާ ވެއްޖެ ކަމަށް ދަރިވަރުންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.

"މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަ ގޮތެއް ނުވާނެ ކަމުގެ އުންމީދު ދެއްވުމުން އަޅުގަނޑުމެންގެ ހިތްތަކަށް ވަނީ ތަސައްލީ ލިބިފައެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އެ ޔޫނިއަނުން ބުނިގޮތުގައި ދަރިވަރުންގެ ތައުލީމީ ހައްގުތައް ހިމާޔަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން އެކަމަށް އިސްކަން ދެއްވަ އެވެ. އެހެންވެ، މެޑިކަލް ކިޔަވާ ދަރިވަރުންނަށް މިހާރަށް ވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމް ކޮށްދޭނެ ކަމުގެ ޔަގީންކަން މި ސަރުކާރުން ދިން ކަމަށް ޔޫނިއަނުން ބުންޏެވެ.

ދަރިވަރުންގެ ޔޫނިއަނުން ބުނީ މި މައްސަލައިގައި ދާއިމީ ހައްލަކާ ހަމައަށް ދިއުމަށް ވަގުތު ނަގާނެތީ, މިހާރު ވެސް ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *